ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނަދޫއަށް ވަޑައިގެންފި

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމައްޗަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ވަޑައިގެންފިއެވެ. ފޮނަދޫއަށް ވަޑައިގެން ފޮނަދޫ ކައުންސިލާއި ފޮނަދޫގައި ހުންނަ ސަރުކާރު އިދާރާތަކުގެ ވެރިންނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ، މިބައްދަލުވުން އޮތީ ރޭ 9 ޖެހިއިރު ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ

މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ފޮނަދޫ މަގުބައްތި ނެތުމުން ދިމާވާ ދަތިތަކާއި، އަލަށް އާބާދުވާ ސަރަހައްދުގައި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ހޯދުމުގައި ހުރި އުނދަގޫތަކާއި، އެކަށީގެންވާގޮތުގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި ރަށުގައި ކުނި މެނޭޖްކުރުމަށް ދިމާވާ ދަތިތައް ހިމެނެއެވެ

މީގެ އިތުރުން ސްކޫލް ކުދިންނަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމާ ބެހޭގޮތުންނާއި ތައުޢުލީމީ މަރުކަޒުގެ އާބާތުރަ ފިލުވުމާއި މީގެ އިތުރުން ވެސް ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއި ކުޅިވަރު ތަރައްޤީކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެވުނެވެ

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރާއި ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިން ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ